ބިދޭސީންގެ މައްސަލަ- ދިވެހި ރާއްޖޭގައި


އިންޑިޔާކަނޑުގައި ކުދި ޖަޒީރާރަށްްތަކެއްގެ މައްޗަށް އުފެދިފައިވާ ދިވެހިރާއްޖެ ދުނިޔޭގެ ގިނަފަރާތްތަކުން ސިފަކުރަނީ އަމާންކަމާއި ސުލްހަވެރި އެއްބައިވަންތަ އެކުވެރި ރައްޔިތެއްއުޅޭ ޤައުމެއްގެ ގޮތުގައެވެ. ގައުމަށް އެކި ބޭނުންތަކުގައި އަންނަ އެކިފަރާތްތަކަށް މެހުމާންދާރީ
އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައެވެ. ކޮންމެ މީހަކާވެސް ހިނިތުންވުމާއިއެކު ވާހަކަދައްކާ ހިތްހެޔޮބައެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މިކަންފާހަގަކުރަނީ ޗުއްޓީ ހޭދަކޮށްލަން ނުވަތަ ވިޔަފާރީގެ މަސައްކަތުގައި ހުޅަނގުގެ ޤައުމުތަކުން އަންނަ މީހުންނެވެ. ވާނީވެސް އެހެންތާއެވެ. އެފަރާތްތަކާއި މެދު ދިވެހިން އަމަލުކުރަނީ އެބައިމީހުންގެ ރުހުމާއި ގާތްކަމާއި ތަޢުރީފް އެންމެ ބޮޑަށް ލިބޭނޭފަދަގޮތަށެވެ. ރާއްޖޭގެ ޖީޑީޕީގެ %28 ހިއްސާކުރާ ޓުއަރިޒަމްދާއިރާއަކީ ބިދޭސީން ގެ ބޮޑުބައެއް ހިއްސާވާ ދާއިރާއެކެވެ. ގިނައަދަދަކަށް ކޮންމެ ދުވަހަކުބިދޭސީން އައިސް ގޮސްއުޅެއެވެ. މިފަދަ ގިނަފަރާތްތަކުން ރާއްޖެދޫކޮށްދަނީ ދެވަނަފަހަރަށް ރާއްޖެއައުމުގެ އުންމީދުގައެވެ. ދިވެހިން އެފަރާތްތަކާއިމެދު ބަހައްޓާ ގާތްގުޅުންފާހަގަކޮށް ތަޢުރީފްކުރަމުންނެވެ. މިފަދަ ކަންކަމުގައި ރާއްޖެ އަންނަފަރާތްތަކާއި މެދުގައި ދިވެހިިން ކަންތައްކުރަމުން އަންނަގޮތްކަމުގައި ވިއަސް މަސައްކަތް ކުރުމަށް އަންނަފަރާތްތަކާއި މެދުގައި ދިވެހިންގެ ގިނަބަޔަކު ވަރަށްވެސް އިޙާނެތިކޮން ހިތާކަން ފާހަގަކުރެއެވެެ.


ރާއްޖޭގެ ބޮޑުބައެއް ހިއްސާވާ ކޮންސްޓްރަކްޝަން ދާއިރާއާ ރިސޯޓްތަކުގެ ބައެއް ވަޒީފާތަކާއި ޞިއްޙީ ދާއިރާގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމައް ރާއްޖޭގައި 80ހާހައްވުރެ ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. މީ ގައުމުގެ އާބާދީގެ ނިސްބަތުން ވަރަށްވެސް ބޮޑުއަދަދެކެވެ. ރާއްޖޭގެ 396,334 މީހުން އުޅޭއިރު 80 ހާހައްވުރެ ގިނައަދަދަކަށް ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަކީ މިއަދު ކޮންމެ ދިވެއްސަކުވެސް ކަންބޮޑުވާންޖެހޭފަދަ މައްސަލައެކެވެ. ރާއްޖޭގައި ގިނަބަޔަކު ވަޒީފާގެ ފުރުސަތު ނެތި މަގުމައްޗައް ގިނަވަމުންދާއިރު ދުވަހަކަށްވުރެ ދުވަހެއް މަސައްކަތްކުރާ ބިދޭސީން އަންނަނީ ރާއްޖޭގައި ގިނަވަމުންނެވެ. އަދި މީގެ ތެރޭގައި އެތައްހާސް ބަޔަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ މީހުންކަމަށް ގިނަފަރާތްތަކަކުންދަނީ ބުަނަމުންނެވެ. ސިޔާސީ ޕޯޑިއަމްތަކުގަޔާއި ތަފާތު ޖަލްސާތަކުގައި އަދި މަގުތަކުންނާއި ކެފޭ، ބާޒާރުފަދަ ތަންތަނުންވެސް އިވެމުންދާ އެއް އަޑަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެވާހަކައެވެ.


ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފައް މަސައްކަތްކުރާ ބިދޭސީން ގިނަވަމުންދާކަން ފާހަގަކުރެވި ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ގަވާއިދާ ޚިލާފައް އުޅޭ ބިދޭސީން އިތުރުވާންދިމާވާ އަސްލު ސަބަބު އެނގެނީ ކިތައްމީހުނައްބާއެވެ. ބިދޭސީން މަގުމައްޗައް ނުކުމެ ބްލެކް މާރކެޓްގައި މަސައްކަތްކުރަންޖެހެނީ ކޮންސަބަބުތަކަކާއި ހުރެތޯއެވެ. އެމީހުން ދިވެހިރާއްޖެއައް އަންނަނީ ހަމަ ގަވާއިދާއި ޚިލާފައް މަސައްކަތްކުރަންބާއެވެ. މީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބުތަކާއި މެދު ވިސްނާލަމާ ހިނގާށެވެ.


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން ގަވާއިދާ ހިލާފައް މަސައްކަތްކުރުމުގެ މައްސަލަތައް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކޮންސްްްްްްްޓްރަކްޝަން ދާއިރާއިންނެވެ. ރާއްޖޭގައި އެދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ ބަނގުލަދޭސް ،އިންޑިޔާ އައް ނިސްބަތްވާފަރާތްތަކެވެ. އެހެންނަމަވެސް އިލެކްޓްރޯނިކް މަސައްކަތާއި ފައިބަރ، އިންޖިނިއަރިން ފަދަ މަސައްކަތްތައްކުރުމަށް އިންޑޮނޭސިއާ، ޕިލިޕީންސް، ލަންކާ ފަދަ ގައުމުތަކުގެ މީހުން އުޅެއެވެ. އަދި ރިސޯޓްތަކުގެ ތަފާތު ވަޒީފާތަކުގައި އިންޑޮނޭސިއާ ،ލަންކާ، ބަނގުލަދޭސް، އިންޑިއާ، ފަދަ ގައުމުތަކުގެ މީހުން މަސައްކަތްކުރަމުންދެއެވެ. އެހެންނަމަވެސް ކޮންސްޓްރަކްޝަން ދައިރާ ފިޔަވާމި ބަޔާންކުރެވުނު ދާއިރާތަކުގައި މަދުފަހަރަކު ނޫނީ އެފަދަ މައްސަލަތައް ދިމާނުވެއެވެ.


ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާގައި މަސައްކަތް ކުރާ ގިނަފަރާތްތަކަކީ ކޮންމެސް ކުންފުންޏަކުން މަސައްކަތްކުރުމަށް ނަގަންޖެހޭ ހުއްދަތައް ނެގުމައްފަހު ގެންނަ މީހުންނެވެ. ނަމަވެސް ބައެއްފަހަރަށް ޓްއަރިސްޓް ވިސާގައި އައިސް ރާއްޖޭގައި މަސައްކަތްކުރަމުންދާ މީހުންވެސް އުޅޭކަން ފާހަގަކުރެވެއެވެ. މިގޮތަށް މަަަސައްކަތް ކުރުމަށް ޓުއަރިސްޓް ވިސާގައި އާންމުކޮށް އަންނަނީ ލަންކާ، ބަނގުލަދޭސް،އިންޑިއާ ފަދަ ގައުމުތަކުގެ މީހުންނެވެ. އެމީހުން ރާއްޖެއަންނަނީ ރާއްޖޭގައި މަސައްކަތްކުރަން އުޅޭ އެގައުމުތަކުގެ މީހުންނާއި ގުޅިގެންނެވެ. އަދި އެމީހުން ރާއްޖެއައުމަށްފަހު ރިސޯޓްތަކުގައި ކޮންސްޓްރެކްޝަން މަސައްކަތްކުރާފަރާތްތަކާއި، ރައްރަށުގައި އެފަދަ މަސައްކަތްކުރާ މީހުންނާއި ގުޅިގެން މަސައްކަތްކުރެއެވެ. ބައެއްމީހުން މާލޭން އެގައުމުތަކުގެ މީހުންނާއި ގުޅިގެން ބްލެކްމާރކެޓްގައި މަސައްކަތްކޮށް ފައިސާ ހޯދަމުންދެއެވެ.


ރާއްޖޭގައި މަސައްކަތްކުރުމަށް ގަވާއިދާއި އެއްގޮތަށް އަންނަފަރާތްތައް ގަވާއިދާ ޚިލާފަށް މަސައްކަތްކުރާބަޔަކަށް ވުމަށް މެދުވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެފަދަ ކޮންމެ މީހަކުވެސް ރާއްޖެއަންނަނީ ދިރިއުޅުމަށްޓަކައި އެމީހުންގެ އަނބިދަރީންނާއި މައިންބަފައިން ބެލެހެއްޓުމަށްޓަކައި ފައިސާ ހޯދޭނެ މަގެއް ގައުމުން ނުލިބުމުން ރާއްޖޭން އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ފައިސާލިބޭނެކަމުގެ އުންމީދުގައެވެ. ފައިސާ ލިބޭނެ މާގިނަ ގޮތްތަކެއް ފަހިވެފައި ނުވާ މީމީހުން ރާއްޖެގެންނަ ފަރާތުން ގިނަފަހަރަށް ފައިސާކޮޅު ނުދީ ގިނަ ދުވަސްތަކެއްވަންދެން ހިފަހައްޓައެވެ. ގިނަފަހަރަށް 8 މަސް ނުވަތަ އަހަރަކާއި ގާތްވާއިރުވެސް މުސާރަނުދީ ހިފަހައްޓައެވެ. އަދި އެހާ ގިނަދުވަހު މަސައްކަތްކުރުވާފަ 1 މަހުގެ މުސާރަދީފައި އިތުރު މުސާރައެއް ގިނަ މީހުންނަކަށް ނުލިބެއެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ރާއްޖޭގައި އުޅުމަކީ ނުހަނު ދަތިކަމަކަށްވެއެވެ. އެހެންނަމަވެސް ރާއްޖެދޫކޮށް އަނބުރާ ޤައުމަށްދިއުމަކީވެސް ދަތިކަމަކަށްވެެއެވެ. ގިނަމީހުން އެބައިމީހުން އާއިލާއާ ގުޅޭނެ ގޮތެއްނެތި މާޔޫސްކަމުގައި މަސައްކަތްކުރަމުންދެއެވެ. ގިނަފަހަރަށް މުސާރަ ނުލިބުމުން ސަކުވާކުރުމުން އެމީހުން މުސާރަނުދީ ފޮނުވާލުމަކީ އާންމުކަމެކެވެ. މިގޮތަށް ފޮނުވާލުމުން ގިނަފަހަރަށް އަތުގައި އެއްވެސް މިންވަރަކަށްފައިސާ ނުހުރެއެވެ. އެހެންކަމުން ދެން އަނބުރާ ގައުމަށްދާން ބޭނުންވާނަމަ ނުވަތަ ގައުމަށްދެވޭނެފަދަ ގޮތެއް ހަމަޖެހެންދެން އުޅެވޭނެގޮތެއް ހޯދަންޖެހެއެވެ. އެހެންކަމުން ބްލެކްމާރކެޓްގައި މަސައްކަތްކުރުމަށް މަޖުބޫރުވާތަން އާދެއެވެ. ބިދޭސީ މަސައްކަތު މީހުންނަކީވެސް ހަމަ އިންސާނުންނެވެ. އެމީހުންނަށްވެސް ބަނޑުފުރާ މުއްތިކޮށްގެން ނޫނީ ދުނިޔޭގައި ނޫޅެވޭނެއެވެ.


މަސައްކަތްކުރާ ކޮންމެ މީހަކީވެސް އާންމުދަނީއެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރާމީހެކެވެ. ފުދިގެން އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. ކޮންމެ އިންސާނަކީވެސް ކުރާމަސައްކަތުގެ މުސާރަ ނުލިބޭނަމަ މާޔޫސްވާނޭ މީހެކެވެ. ހަމަ އެފަދައިން މަސައްކަތްކުރުވާފަރާތްދެކެ ރުޅިއަންނާނެއެވެ. ނިކަން ވިސްނާލަމާ ހިނގާށެވެ. މުސާރަ ކުޑަވެގެން ސަކުވާކޮށް މުޒާހަރަތައް ދުނިޔޭގެ އެތައްމިތާ ކުރަމުންދެއެވެ. މި ގޮތުން ރާއްޖޭގައިވެސް ސިވިލްސާރވީސް މުވައްޒަފުންގެ މުސާރަކުޑަކުރުމުން ކަންތައްތައް ވެގެން އައިގޮތް ހަމަކޮންމެ ދިވެއްސަކަށްވެސް އެނގޭނެވެ. މުޒާހަރާތައްކޮށް އިހުތިޖާޖްކުރުމުގެ ގޮތުން އެތަކެއް އެއްވުމެއްބޭއްވިއެވެ. އެތަކެއް ޓީވީ ޕުރޮގުރާމްތަކެއްގައި އެވާހަކަތަށް ގޮވަމުންދިޔައެވެ. މީ ދިިވެހިންގެ ގިނަބަޔަކު މުސާރައިން ބައެއް ކުޑަވުމުން ކުރަމުންއައި ކަންތައްތަކެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރޭން މުސާރަ ހަމަޔަށް ލިބިގެން ޤައުމަށް ފޮނުވެނީ ވަރަށްމަދު މީހަކަށެވެ. މީ ކަންތައްތައް ހިނގަމުންއަންނަގޮތެވެ. ގަވާއިދަށް ޚިލާފަށް ބިދޭސީން މަސައްކަތްކުރުމަށް މެދުވެރިވާ އެންމެ ބޮޑުސަބަބެވެ. އެހެންނަމަވެސް ބިދޭސީންގިނަވަމުން ދާވާހަކައާއި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ވާހަކަތަށް ސިޔާސީ ޕޯޑިއަމްތަކުގައި އަދި ޓީވީ ޕުރޮގުރާމްތަކުގައި ހާމަކުރަމުންދާ ފަރާތްތަކުން މިމައްސަލަތައް މެދުވެރިވާ އަސްލުސަބަބާއި މެދު ވިސްނާލާތޯއެވެ. އެމީހުންނަކީވެސް އިންސާނުންނެވެ. ޖަނަވާރުންނެއް ނޫނެވެ. އެހެނީ އެބައި މީހުންނަކީވެސް ޙައްގުތަކެއް ލިބެންޖޭނޭބައެކެވެ.


ބިދޭސީންނަކީވެސް ރާއްޖޭގައި މަސައްކަތްކުރިކަމުގައިވިޔަސް ޙައްގުތަށްލިބެންޖެހޭނޭބައެކެވެ. އަދި ރާއްޖެއަކީ ބައިނަލްއަޤުވާމީ ލޭބާރ އޮގަނައިޒޭޝަން(އައި.އެލް.އޯ)ގެ މެންބަރުގައުމެކެވެ. އަދި އ.ދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އެންމެހާ މުޢާހަދާތަކާއި ގަރާރުތަކުގައި ސޮއިކޮށްފައިވާ ޤައުމެކެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މަސައްކަތުމީހަކީވެސް މަސައްކަތު މީހަކަށް ލިބިދޭންޖެހޭނެ އެންމެހާ ޙައްޤުތަށް ލިބެންޖެހޭނޭ މީހެކެވެ. އެމީހެއްގެ ކުލަޔަށް އަދި ގައުމަށް ބެލޭނެ ޖާގައެއްނެތެވެ. ރާއްޖޭގައި މިފަދަ ގޮތަކަށް އެންމެ ބޮޑަށް އަމަލުކުރެވެމުންއަންނީ ޚާއްޞަގޮތެއްގައި ބަނގުލަދޭސް މީހުންނަށެވެ. ބައެއްފަރާތްތަކުުން ފަހަރެއްގައި މިލިއުމަކީ ބިދޭސީންރާއްޖެ ގެނައުން ގިނަކުރަން ބާރުލާފަ ދިވެހިން ކުއްވެރިކުރާ ލިއުމެއް ގޮތުގައި ހީވެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ ކުއްހީއެކެވެ. ބިދޭސީން ގެންނަކަމަށްވާނަމަ އެގެންނަ ބަޔަކަށް ދޭންވާ ޙައްޤު އުޖޫރަ ދޭންޖެހޭނެއެވެ. އެހެންނޫންނަމަ އެކަމަކީ ﷲ ގެ ހަސްރަތުގައި ޖަވާބުދާރީންވާންޖެހޭދުވަހު އެމީހަކު ހިތާމަކުރަންޖެހޭ ކެމެކެވެ. ހަމަ ދެދުނިޔޭގައިވެސް އެފަދަފަރާތްތަކަށް އެކަމުގެ ނަތީޖާ ދަށްކާވާނެއެވެ.


ބިދޭސީންނަށް ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާއާ އެހެންދާއިރާތަކުގައި ބިދޭސީންނާ މެދު ވަރަށް އިހާނެތިކޮށް ހިތާކަން ފާހަގަކުރެވެއެވެ. ފަހަރެއްގައި އާންމުނަށް މިފަދަ ކަންތައްތައް ހިނގަމުންއަންނަ ގޮތް ނޭގިދާނެއެވެ. އެހެންނަމަވެސް މީ ހަމަ ޙަގީގަތެވެ. އަޅުގަނޑު މިހެން މިބުުނަނީ މިފަދަ މަންޒަރުތަށް ކުރިމަތީގައި ފެނިފައި ހުރީމައެވެ. އެތަކެއް ބިދޭސީންނެއް ފައިސާކޮޅު ނުދީ ހަޑިބަހުން އެއްޗެތިކިއުމަށްފަހު ފޮނުވާލީ އަޅުގަނޑުގެ ކުރިމަތީގައެވެ. މިފަދަ އެތަކެއް މަންޒަރުތަކެއް ވަނީ ގާތުންފެނިފައެވެ. މި ގޮތުން ނ.އިރުފުށި ރިސޯޓަކަށް ހެދުމުގެ މަސައްކަތްކުރަމުން ދިޔަދުވަސްވަރު މިއަތޮޅުގައި ފުޅާކޮށް ބިދޭސީންގެނެސް މަސައްކަތްކުރަމުންދިޔަ ގުރޫޕެއްގެ ވެރިޔަކު 8 މަސްދުވަސް ވަންދެން މުސާރަ ނުދީހިފެހްޓިއެވެ. އޭގެ ސަބަބުން އެފަރާތުން މަސައްކަތްކުަރުމަށް ގެންގުޅުނު 60 ވަރަކަށް ބިދޭސީން ސަކުވާކުރަންފެށުމުން ބައްދަލުވުމެއް ބޭއްވުމަށްފަހު އެއްޗެތިކިޔާފަ އެމީހުން 8 މަސްވަންދެންކުރި ބުރަމަސައްކަތަށް 1 ރުފިޔާގެ މިންވަރުވެސް ނުދީ ފޮނުވާލިއެވެ. ދެން ނިކަންވިސްލަމާތޯއެވެ. އެމީހުނަށްދެން ކުރެވޭނީކޮންކަމެއްބާއެވެ. ކުރެވޭނޭ މާގިނަ ކަންތައްތަކެއްނެތެވެ. ހަމައެކަނި އޮތްގޮތަކީ ބްލެކްމާރކެޓްގައި މަސައްކަތްކުރުމެވެ. އެފަހަރު އެފޮނުވާލި މީހުންތައް މާގިނަ ދުވަހެއްނުވެ ގަވާއިދާއި ހިލާފަށް އެހެން މީހަކާއި އެކުގައި ހަމަ އެރިސޯޓަށް އައިސް މަސައްކަތްކުރަންފެށިއެވެ. ދެވަނަ ފަހަރަށް އެބިދޭސީން ގެނައި ފަރާތުންވެސް މުސާރަ ނުދީ އެމީހުން ފޮނުވާލިއެވެ. މިފަދައިން އެފަރާތުން ފައިސާނުދީ ފޮނުވާލީ ހަމަ އެކަނި އެފަހަރު ފޮނުވާލި 60 މީހުންނެއްނޫނެވެ. މިގޮތަށް އެތަކެއް ރިސޯޓެއްގައި ބިދޭސީން ގެނައުމަށްފަހު ފައިސާ ނުދީ ފޮނުވާލާފައިވެއެވެ. އެއްބަޔަކަށް ފައިސާ ނުދީ ފޮނުވާލުމަށްފަހު ދެވަނަ ބަޔަކު ގެނެއެވެ. މީ ހަމަ އެކަނި މި ބަޔާންކުރެވުނުފަރާތުން ބިދޭސީންނާއި މެދުގައި ކަންތައްކުރަމުންއަންނަ ގޮތެއް ނޫނެވެ. އަދި ކިއެއްތަ އެފަދަ ކުންފުނިތަކާއި ގުރޫޕުތަށްހަދައިގެން އަދިވެސް އެހެނިހެން މަސައްކަތްކުރުމަށް ބިދޭސީންގެންގުޅޭ ގިނަފަރާތްތަކުން އަމަލުކުރާގޮތެވެ.


ބިދޭސީންނަށް މުސާރަ ނުދީ ފޮނުވާލުމުގައި ފާޅުގައި ޒުވާބުކޮށް އެއްޗެތިކިޔުމަށްފަހު ފޮނުވާލުމާއި މާލެ ގޮސް މުސާރަދޭނެކަމަށް ބުނެ މާލެ ފޮނުވާލައެވެ. އަދި މާލެ ފޮނުވާލުމަށްފަހު އެމީހާ ފައިސާ ހޯދުމަށް ގުޅީމަ ފޯނު ނުނަގައެވެ. އަނެއްބައިފަހަރަށް ފައިސާނުދިނީމަ ނުދާނެކަމަށް ބުނެ ރޮއި އާދޭސްކުރަނިކޮށް " ކަލެއައް ދޭންޖެހޭ ފައިސާއެއް ނުހުންނާނެ، " ރިސޯޓްހަދާ ކުންފުނިން ފައިސާއެއް ނުދެ" މިފަދަ އިބާރާއްތަކުން ޖަވާބުދެއެވެ. އަދި އެމީހުންގެ ފޮށިތަންމަތި ގޭންބޭރަށް އެއްލާލައެވެ. ކެއުމާއި ނިދުމުން މަޙުރޫމުކޮށް ބާކީ ކޮށްލައެވެ. މީ އެތަކެއް މިލިއަން ރުފިޔާގެ ބޮޑެތި ޕުރޮޖެކްޓްތަށް ނަގައިގެން މަސައްކަތު މީހުންނާއިމެދުގައި ކަންތައްކުރަމުންދާގޮތެވެ. އެހެންނަމަވެސް ބުލެކް މާރކެޓްގައި ބިދޭސީން މަސައްކަތްކުރާ މައްސަލައިގައި އަބަދުވެސް ކުއްވެރިވަނީ ބިދޭސީންނެވެ. އެއްފަހަރުވެސް އެފަދަ މައްސަލަތައް ގިނަވަނީ މިމައްސަލަތަކާއިހުރެކަން ފާހަގަނުކުރެއެވެ. އެތަށް މިލިއަން ރުފިޔާއެއްގެ ބޮޑެތި ޕުރޮޖެޓްތައް ނިންމާފައި މާލޭން ބޮޑެތި ގެދޮރުގަނެ ލޯންޗުފަހަރާއި ކަންނެލި ދޯނިފަހަރުގަނެގެން ސޯފާގައިި ލެޕްޓޮޕް ހިފައިގެން އޮންނައިރު ހަމަ ހިތަށްއެއްޗެއްނާރަނީ ބާއެވެ. އެފަދަ މީހުންގެ ސަބަބުން އެތަކެއްބަޔެއްގެ ހައްގުގެއްލެމުންދާއިރު ހިތުގައި ކުޑަނަމަވެސް ރަޙުމެއް ހަމްދަރުދީއެއް ނެތީބާއެވެ. އެމީހުންނަށް ފައިސާކޮޅު ނުލިބުމުން ޖެހޭނެ ދަތިހާލު ހަމަ އިހުސާސް ނުވަނީބާއެވެ. އެފަދަ ފަރާތްތަކުގެ ސަބަބުން ދިވެހިން ކުރަން ހުންނަ އެތަށް މަސައްކަތެއް ގެއްލި ގަވާއިދާއި ހިލާފަށް މަސައްކަތްކުރާ މީހުން ގިނަވެ އޭގެ ސަބަބުން އިޖްތިމާޢީ އިޤްތިޞާދީ އެތަކެއް ގެއްލުމެއްއަންނަނީ ކުރިމަތިވަމުންނެވެ.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com