ދީނީ ސުވާލާއި ޖަވާބު
































އެންމެ ފުރިހަމަ ގޮތުގައި ހިނައިގަންނާނީ ކިހިނެއްތޯއެވެ؟
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ސުވާލު:
އެންމެ ފުރިހަމަ ގޮތުގައި ހިނައި ގަންނާނީ ކިހިނެއްތޯއެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ: ފުދޭ މިންވަރާއި، ފުރިހަމަ މިވަރެވެ. ފުދޭމިންވަރަކީ ހިނައިގަތުމުގެ ސުންނަތްތައް ފިޔަވައި، ވާޖިބު ހުރިހާ ކަމެއް ފުރިހަމަ ކުރުމެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ޝާމިލްވާ ގޮތަށް ގަޔަށް ފެންއެޅުމެވެ. މީގެ ތެރޭގައި އަގަޔަށް ފެންލުމާއި ނޭފަތަށް ފެންލުންވެސް ހިމެނިގެންވެއެވެ. ފުރިހަމަ މިންވަރަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވިގޮތަށް ކުރުމެވެ.
އެގޮތުން ފުރަތަމަ ދެއަތްތިލަ ދޮވެފައި، ކުރިމަތީފަރާތާއި މަނީގެ އަޘަރުކޮށްފައި ހުރިތަންތަން ދޮވެ ސާފުކޮށްލާނީއެވެ. އެއަށްފަހު ފުރިހަމަ ވުޟޫ އެއްކޮށް، ފުރަތަމަ ބޮލަށް ފެންއަޅާ ދޮވެލާނީ އެވެ. އެއަށްފަހު މުޅި ހަށިގަނޑު ދޮވެލާނީއެވެ. ޖުނުބުވެރިކަމުން ހިނައިގަތުމާއި ޙައިޟު ނިފާސްކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި ތަފާތެއް ނެތެވެ. އެހެންނަމަވެސް، ޙައިޟު ނިފާސް ކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި އިސްތަށިގަނޑު ތެރެއަށް ތަންކޮޅެއް ބޮޑަށް ފެން ފާއްދާލުން އެދެވިގެންވެއެވެ. މީގެ އިތުރުން ލޭގެ އަޘަރުކޮށްފައި ހުރިތަންތަނުގައި މީރުވަސްދުވާ އެއްޗެހިލައި ލޭގެ ވަސްފިލުވާލުން އެދެވިގެންވެއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވުޟޫ ކުރުމުގެ ކުރިންނާއި ހިނައިގަތުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި އެއީ ވާޖިބުކަމެކެވެ. އަނގަޔަށާއި ނޭފަތަށް ފެންލުމުގެ މައްސަލާގައި ޢިލްމުވެރިން ހަތަރު ގޮތަކަށް ވިދާޅުވެފައިވެއެވެ.
އެއީ:
ވުޟޫ ކުރުމުގައްޔާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ސުންނަތެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
ވުޟޫ އާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމަށާއި، އެޔާއި ނުލައި ވުޟޫ އާއި ހިނައިގަތުން ޞައްޙަ ނުވާނެކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
އަނގަޔާއި ނޭފަތަށް ފެންލުމަކީ ހިނައިގަތުމުގައި ވާޖިބެއްކަމަށާއި، ވުޟޫގައި ވާޖިބެއް ނޫންކަމަށް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.
ވުޟޫގައްޔާއި ހިނައިގަތުމުގައި އަނގަޔަށް ފެންލުމަކީ ވާޖިބެއް ކަމަށާއި، ނަމަވެސް ނޭފަތަށް ފެންލުމަކީ ވާޖިބެއް ނޫންކަމަށް އިމާމު އަޙްމަދު-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެފައިވެއެވެ. އަދި އިބްނުލް މުންޛިރު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވެއެވެ. ރާޖިޙްގޮތް: ފަޟީލަތުއް ޝައިޚް ޢުޘައިމީން-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި މީގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އަދި އެންމެ ރަގަޅު ގޮތަކީ ވުޟޫ އާއި ހިނައިގަތުމުގައިވެސް އަނގަޔަށާއި ނޭފަތަށް ފެންލުމަކީ ވާޖިބެއް ކަމަށާއި އަދި އެޔާއި ނުލައި ވުޟޫ އާއި ހިނެއުން ޞައްޙަ ނުވާނެ ކަމަށް ބުނާ ބުނުމެވެ. والله أعلم
މަސްދަރު: ރާއްޖެއިސްލާމް




އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟
ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް







ސުވާލު:
އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި ތުނބުޅީގެ ދިނުމިނަކީ ކޮބައިތޯ؟ ބައެއް ދީނީޢިލްމްވެރިން ތުނބުޅި ބާލާފައި އަދި ވަރަށްކުރުކޮށް ބަހައްޓާފައި އަދި ވަރަށްދިގުކޮށް ބަހައްޓާފައިހުރެ. މީގެ އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތުނބުޅިއަށް މާފުކުރުމަކީ ނުވަތަ ނުކޮށާ ދޫކޮށްލުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. މިކަމަކީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާ ކަމެކެވެ. މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް ބުޚާރީ އާއި މުސްލިމުގެ އެތައް ރިވާޔަތްތަކެއްގައި އައިސްފައި ވެއެވެ. ބައެއް ރިވާޔަތްތަކުގައި މުޝްރިކުންނާއި ޚިލާފު ވުމުގެ ގޮތުން، އަނެއް ބައި ރިވާޔަތްތަކުގައި މަޖޫސީންނާއި ޚިލާފުވުމުގެ ގޮތުން މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް އެންގެވިއެވެ. ތުނބުޅިއަށް މާފުކުރުމުގެ މާނައަކީ ނުކޮށާ ދޫކޮށްލުމެވެ. މިއީ ރާސޫލާގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާގޮތެވެ. އެހެނީ އެކަލޭގެފާނު ތުނބުޅި ކޮށްޓެވިކަމަށް އެއްވެސް ގޮތަކަށް ސާބިތުވާކަށް ނެތެވެ.ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. ((خالفوا المشركين، أحفوا الشوارب و أوفوا اللحى)) = أخرجه البخاري=، ޙަދީޘް ނަމްބަރ 5442، ޞަޙީޙް މުސްލިމް ޙަދީޘް ނަމްބަރ 382، މާނައަކީ؛ "ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. މަތިމަސް ކުރު ކުރާށެވެ. އަދި ތުނބުޅި ދިގުކުރާށެވެ." މިޙަދީޘް ރިވާ ކުރައްވާފައިވަނީ އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު އެވެ.

އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ: "އިބްނު ޢުމަރު ޙައްޖެއް ނުވަތަ ޢުމުރާއެއް ކުރައްވައިފިނަމަ ތުނބުޅީގައި މުށުން ހިއްޕަވާފައި ބާކީބައި ކޮށްޓަވައެވެ." މި ރިވާޔަތަކީ ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްކަމުން ޞައްޙަކަމާމެދު ޝައްކެއްނެތެވެ. އެހެންނަމަވެސް ޝައިޚް ބިން ބާޒު ރަޙިމަހުﷲ ފަދަ ޢިލްމުވެރިން ވިދާޅުވަނީ މި ރިވާޔަތުން ތުނބުޅި ކޮށުން ހުއްދަކުރާ ވަރުގެ ހުއްޖަތެއް ލިބެންނެތް ކަމަށެވެ. އެހެނީ އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު ތުނބުޅި ކޮށްޓެވީ އެކަލޭގެފާނުގެ އަމިއްލަ *އިޖްތިހާދުގެ މައްޗަށް ބުރަވެވަޑައިގެން ކަމަށްވާތީއެވެ. ހުއްޖަތްނެގޭނީ ޞަޙާބީއަކު ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ކިބައިން ކުރެއްވި ރިވާޔަތަކަށެވެ. ޞަޙާބީއެއްގެ އިޖްތިހާދަކަށް ނޫނެވެ. އެހެން ކަމުން ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ފަރާތްޕުޅުން ޞައްޙަ މަގުން ކަމެއް ސާބިތުވާން އޮވެއްޖަނަމަ ޞަޙާބިއެއްގެ އިޖްތިހާދަށްވުރެ ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ހަދީޘް މުޤައްދަމް (އިސް) ވާނެއެވެ. އެހެންކަމުން އެންމެ އައުލާކަންބޮޑު ގޮތަކީ ތުނބުޅި ނުކޮށާ ދޫކޮށްލުމެވެ. والله أعلم.

*އިޖްތިހާދު: މިތަނުގައި އިޖްތިހާދޭ ބުނެވޭ ބަހުގެ މުރާދަކީ އިބުނު ޢުމަރު އެމައްސަލާގައި ދެކިލެއްވި ގޮތެވެ. ނުވަތަ ޢަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނުގެ އެޢަމަލުފުޅު ކީރިތި ރަސޫލާޔަކަށް ނިސްބަތެއް ނުކުރައްވައެވެ. والله أعلم.

އަމުރުގެ އަޞްލަކީ އެއަމުރު ކުރެވުނު ކަމެއް ކުރުން ވާޖިބު ވުމެވެ. ދެން އެކަމެއް ކުރުމާއި ނުކުރުން ހަމަހަމަވެގެން ދަނީ ނުވަތަ ސުންނަތަކަށް ބަދަލުވެގެން ދަނީ އެހެން ދަލީލެއް ލިބިގެންނެވެ. ތުނބުޅި އަށް މާފު ކުރުމަށާއި މަތިމަސް ކުރުކުރުމަށް އަދި މުޝްރިކުންނާއި ޚިލާފުވުމަށް އަމުރު ކުރައްވާފައި ވުމުން ދޭހަވަނީ ތުނބުޅި އާއި ބެހުމަކީ ޙަރާމް ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައްކޮށްފިމީހާ ފާފަވެރި ވާނެ ކަމެވެ. މިއަމުރު ސުންނަތަކަށް ބަދަލުކޮށްލާނެ އިތުރު އެއްވެސް ދަލީލެއް ލިބެން ނެތުމުންނެވެ. والله أعلم

ހަވާލާ: ރާއްޖެ އިސްލާމް
އިސްތަށި ކަޅުކުރުން



އައްޝައިޚު މުޙައްމަދު ޢަލްމުނައްޖިދު






މިކަމުގައި އެންމެ ރަނގަޅުގޮތަކީ މިއީ ޙަރާމްކަމެއްކަމުގައި ދެކުމެވެ. ސަބަބަކީ މިކަމާއި ބެހޭގޮތުން ޙަދީޘްފުޅުގައި އައިސްފައިވާ ވަޢީދުގެ ބަސްފުޅުގެ ސަބަބުންނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ފަހު ޒަމާނުގައި އެބައިމީހުންގެ އިސްތަށިތައް ކޮތަރެއްގެ ބަނޑުދަށްފަދައިން ކަޅުކުރާ ބަޔަކުވާނެއެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ." (ރިވާކުރެއްވީ އަބޫދާވޫދު)
މިއީ ނުރަވެފައިވާ އިސްތަށި ހުންނަ މީހުންގެ މެދުގައި ޢާންމުކަމަކަށްވެފައިވާ ކަމެކެވެ. އެބައިމީހުންގެ ނުރަ އިސްތަށިތައް ކަޅުކުލައަށް ބަދަލުކޮށް ހަދައެވެ. މިކަމުގެ ސަބަބުން ނުބައިކަންކަމަށް މަގުފަހިވެއެވެ. މިސާލަކަށް އޮޅުވާލުމާއި އަދި ތިމާގައިގައި ނެތްކަމެއް ދައްކައިގެން ފޮނިކެނޑުން ހިމެނެއެވެ.

ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ނުރަ ތުނބުޅިފުޅު ހީނާފަތް ބޭނުންކުރައްވައިގެން އެކަލޭގެފާނު ކުލަބަދަލުކުރައްވައެވެ. އެއީ ރީނދޫ، ރަތް އަދި ކަޑިކަމެއް ހުންނަ ކުލައެކެވެ. (ކަޅެއްނޫނެވެ). (ފޮޓޯއިން އެފެންނަނީ ހީނާފަތް ބޭނުންކޮށްގެން ޑައީކުރެވިފައިވާ ތުނބުޅިއެކެވެ.)

މައްކާ ފަތަޙަ ކުރެއްވި ދުވަހު އަބޫ ޤުހާފާ(އަބޫބަކުރު ގެފާނުގެ ބަފައިކަލުން) ރަސޫލުﷲ ގެފާނުގެ އަރިހަށް ޙާޒިރުކުރެއްވުނެވެ. އޭރު އެކަލޭގެފާނުގެ އިސްތަށިފުޅާއި އަދި ތުނބުޅިފުޅު ހުރީ ތުޤާމާ (އެގަހުގެ ފަތާއި އަދި މާ ވަރަށް ހުދުކޮށް ހުންނަ ގަހެއް)ހާ ހުދުކޮށެވެ.

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަބޫ ޤުހާފާއަށް ނިސްބަތްކޮށް ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"މި(ނުރަ އިސްތަށިތަކުގެ ކުލަ) ކޮންމެސް އެއްޗެއް ބޭނުންކޮށްގެން ބަދަލުކޮށްލާށެވެ. ނަމަވެސް ކަޅުކުލަ (ޑައީ ކުރުމަށް) ބޭނުން ކުރުމުން ދުރުހެލިވާށެވެ." (ރިވާކުރެއްވީ މުސްލިމް)

މިކަމުގައި އެންމެ ރަނގަޅުވެގެންވާ ގޮތަކީ އަންހެނުންވެސް ވަނީ ފިރިހެނުން ފަދައިންނެވެ. ކަޅު ނޫން އިސްތައްޓެއް ކަޅުކުލައަށް ބަދަލުކުރުމަށްޓަކައި ޑައީކުރުން އެބައިމީހުންނަށްވެސް ހުއްދަވެގެންނުވެއެވެ. (ޝެއިޚުގެ ބަސްކޮޅު ނިމުނީ)
ނޯޓު: ނުރަވުމުން ތުނބުޅީގައި ހީނާފަތް ބޭނުންކޮށްގެން ކުލަޖެއްސުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތެކެވެ.





މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com