ޢާޝޫރާ ދުވަސް އޮޅިއްޖެ. ދެން ހަދާނީ ކިހިނެއް ؟

الحمد لله رب العالمين. الصلاة و السلام على أشرف الأنبياء و المرسلين. و بعد: ޢާޝޫރާ ދުވަހަކީ މުޙަައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. އެކަމާމެދުގައި ޝައްކެއްނެތެވެ. އެދުވަހު ރޯދަ ހިިފުން ނުހަނު މަތިވެރިވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަަމަ ޙަދީޘްކުރައްވާފައިވެއެވެ. (يُكَفِّرَ السَّنَةَ الَّتِي قَبْلَ) މާނައީ: "އިސްވެދިޔަ އަހަރުގެ ފާފަ ފުހެދެއެވެ." ރިވާކުރެއްވީ މުސްލިމް. ނަމަވެސް މި އަހަރުގެ ޢާޝޫރާ ދުވަހާއި މެދުގައި އެކިފަރާތްތަކުން އެކި ދުވަސްތައް އެކަމުގައި ބުނާތީ އޮޅިއްޖެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. މީސްތަކުން ޚިލާފުވެއްޖެނަމަ ކަންތައްކުރަންވީ ގޮތް ﷲ ސުބުޙަނަހޫ ވަތަޢާލާ ބަޔާންކުރައްވާފައިވެއެވެ.




ﷲ ސުބުޙާނަހޫ ވަަތަޢާލާ ވަޙީކުރައްވައެވެ. 
 (يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ) 
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲއަށް ކިޔަމަންތެރިވާށެވެ. އަދި ރަސޫލާއަށްވެސް ކިޔަމަންތެރި ވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް މެއެވެ. ފަހެ ތިޔަބައިމީހުން ކަމަކާއި ޚިލާފުވެއްޖެނަމަ، ތިޔަބައިމީހުން ﷲއަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން ﷲއަށާއި ޤިޔާމަތްދުވަހަށް އީމާންވާކަމުގައިވާނަމައެވެ." 

 ޢައްލާމާ އިބުނު ބާޒު ރަޙިމަހުﷲ މިއާޔަތާއި މެދުގައި ވިދާޅުވެފައިވެއެވެ.: ވެރިންނަށް މިތާގައި ކިޔަމަންވުމަށް ވަކި މުސްތަޤިއްލު ލަފުޒެއް ނައިސް، ﷲއާއި ރަސޫލާއަށް ކިޔަމަންވުމާއި ގުޅުވާފާއިވުމުން އެނގެނީ ވެރިންނަށް(އަދި ޢިލްމުވެރިންނަށް) ކިޔަމަންވާން ޖެހެނީ ﷲއާއި ރަސޫލާއަށް ކިޔަމަންވުމުގައި ކަމެވެ. (އިބުނު ބާޒުގެ ބަސްކޮޅުގެ މާނަ ނިމުނީ) 

 އޮޅުނު ސަބަބު 
ރާއްޖޭގައި ދަޢުވަތުގައި މައިދާނުގައި މަސައްކަތްކުރައްވާ ވަރަށް ގިނަ ޝެއިޚުން މުޙައްރަމު މަސް ފެށުމާއެކުގައި ޢާޝޫރާ ދުވަސް ދިމާވަނީ 24 އޮކްޓޯބަރު ވާ 2015 ވަނަ ހޮނިހިރުދުވަސްކަމުގައި ޢިއުލާންކުރަން ފެށިއެވެ. ޚާއްޞަކޮށް ސޯޝަލްމީޑިއާގައެވެ. 

މިހެން އިޢުލާންކުރަމުންދަނިކޮށް ކުއްލިއަކަށް ބުދަ ދުވަހު ރާއްޖޭގެ އިސްލާމިކް މިނިސްޓުރީއިން ޢާޝޫރާ ދުވަހަކީ 23 އޮކްޓޯބަރު 2015ވާ ހުކުރު ދުވަސްކަމަށާއި އަދި އެގޮތާ ޚިލާފަށް ބުނަމުންދާ މީހުން ބުނަމުން ދަނީ "ގޯސް" ވާހަކަތަކެއްކަމަށް ބަޔާންކުރިއެވެ. އެކަމުގެ ދަލީލަކަށް ގެނައީ ސަޢޫދީގައި ބަލަމުން އަންނަ އުއްމުލް ޤުރާ ކަލަންޑަރެވެ. ކަލަންޑަރުގައިވެސް އޮތީ އިސްލާމިކް މިނިސްޓުރީ އިން ބަޔާންކުރި ގޮތަށެވެ. 


 މައްސަލަގެ ޙަޤީޤަތަކީ ކޮބާ؟ 

މި މައްސަލާގައި ޙަޤީޤަތަކީ އަޞްލު ރަނގަޅު ގޮތް ބަޔާންކޮށްފައިވަނީ 1437ވަނަ އަހަރުގެ މުޙައްރަމު މަހުގެ 10ވާ ޢާޝޫރާ ދުވަހަކީ 24 އޮކްޓޯބަރ 2015 ވާ ހޮނިހިރުކަމަށް ކަމަށް ބަޔާންކުރި ޝެއިޚުންގެ ބަހެވެ. އަންނަނިވި ސަބަބުތަކަށްޓަކައެވެ. 

 ހ. ރާއްޖޭގެ އިސްލާމިކް މިނިސްޓުރީއިން ދަަލީލަކަށް ގެނައި ސަޢޫދީގެ އުއްމުލް ޤުރާ ކަލަންޑަރާ ޚިލާފަށް، ލޮލަށް ހަނދު ނުފެނުމުން ސަޢޫދީގެ އެންމެ މަތީ ހައިކޯޓުން ވަނީ މުޙައްރަމު ފެށުނު ދުވަހަކީ މިިދިޔަ ބުރާސްފަތި ދުވަސް، 15 އޮކްޓޯބަރ 2015 ކަމުގައި ކަނޑައަޅާފައެވެ. ސަބަބަކީ ސަޢޫދީ ޢަރަބިއްޔާއަކީ ޙައްޖުގެ އަޅުކަމަށާއި އަދިވެސް އެނޫން ބޭނުންތަކަށް ހުރިހާ މައްސަރަކަށްވެސް ހަނދުބަލާ ޤައުމަކަށް ވާތީއެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކެއްވުމުން ދިހައެއްވަނީ 24 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހުއެވެ.

 ށ. ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވުމާއެކުގައި ޙަނދު ބެލުމަކީ ރާއްޖޭގެ ސަރުކާރުގެ ޒިންމާއެއްކަމުގައި ވިޔަސް އެކަން ރާއްޖޭގައި ކޮށްފައެއް ނުވެއެވެ. އެހެންކަމަށްވާނަމަ ހަނދު ނުބަލާނަމަ ހަނދު ބަލާ ޤައުމަކަށް ތަބާވާން ޖެހެއެވެ. އަދި އެހެން ޤައުމަކަށް ތަބާވާކަމަށް ބަޔާންކޮށްފައިވާ ކަމަކީ އެންމެ ފުރިހަމަ މަޢުލޫމާތެއްނޫނެވެ.

 ނ. ޝަރުޢީގޮތުން ހަނދު ނުބަލާނަމަ އޮންނަ ގޮތަކީ 30 ހަމަކޮށްފައި އަނެއްމަސް ފެށުމެވެ. ނަަމަވެސް ރާއްޖޭގައި މިގޮތަށްވެސް ޢަމަލުކޮށްފައެއް ނުވެއެވެ.

 ރ. ރާއްޖޭގެ މިނިސްޓުރީ އޮފް އިސްލާމިކް އެފެއާރޒްއިން ސަޢޫދީ ކަލަންޑަރާ ސަޢޫދީ ޚިލާފުވުމުން ސަޢޫދީ ކަލަންޑަރަށް ނުބަލައި، ސަޢޫދީއިން ނިންމި ގޮތަށް ތަބާވާ މީ ފުރަތަމަ ފަހަރެއް ނޫނެވެ. ނިމިގެން ދިޔަ ޙައްޖުގައިވެސް، ޙައްޖު މަހަށް ހަނދު ނުފެނުމުން، ރާއްޖެއާއިި އުއްމުލް ޤުރާ ކަލަންޑަރާ ޚިލާފަށް، ޢަރަފާތްދުވަސް ކަމުގައި ބަލާފައިވަނީ ސަޢޫދީ ހައިކޯޓުން ކަނޑައެޅި ދުވަހެވެ. އެއީ ކަލަންޑަރަށްވުރެ އެއްދުވަސް ފަހެވެ. ޢާޝޫރާ ދުވަސް ބެލުމުގައިވެސް މިފަހަރުވެސް ދިމާވީ މިފަދައިންނެވެ. އެއްކަމެކެވެ. 

 ބ. ޝަރުޢީގޮތުން ހަނދު ބެލުމުގައި ލޮލަށް ފެނިގެން ހަނދު ސާބިތުކުރުމަކީ ފިޤުހީ ހަތަރު މަޒުހަބުގައި އިޖުމާއި ގެންނަވާފައިވާ ކަމެކެވެ. އަދި ޝާފިޢީ މަޒުހަބުގައިވެސް އޮންނަނީ މިފަދައިންނެވެ. ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު ޙަދީޘް އިލްމުވެރިޔާ އިމާމު އިބުނު ޙަޖަރު އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. އަދި ފަލަކީ ޢިލްމަށް ބެލުން ހުއްދަނުވާނެކަމަށް ޢިލްމުވެރިން އިޖުމާޢުގެންނަވާފައިވެއެވެ. އެހެން ކަމުން ޝަރުޢީގޮތަށް ސަޢޫދީގައި ހިޖުރީ މަސް ފަށާފައިވަތީ، ސަޢޫދީ އަށް ތަބާވާން ޖެހެނީ ސަޢޫދީވީމައެއްނޫނެވެ. ޝަރުޢަށް ތަބާވުމަށެވެ. މިސާލަކަށް ސަަޢޫދީން ނުކޮށް ރާއްޖެއިން ޝަރުޢާ އެއްގޮތަށްކުރިނަމަ ތަބަވާން ޖެހެނީ ރާއްޖެކުރިގޮތަށެވެ. މީގަ ބަލަން ޖެހެނީ ޤައުމަކަށް ނޫނެވެ. ޝަރުޢަށެވެ. 

 އެހެންކަމުން މިފަހަރު ޢާޝޫރާ ދުވަހު ރޯދަހިފާނީ ކޮންދުވަހަކު؟ 

 އެހެންކަމުން ޢާޝޫރާ ދުވަހުގެ ރޯދަ ހިފަން ޖެހޭނީ 24 އޮކްޓޯބަރު 2015 ވާ ހޮނިހިރު ދުވަހުއެވެ. ސަބަބަކީ "ހީއެއްގެ މައްޗަށް" ޤައުމެއް ނުވަތަ ބަޔަކު އެދުވަހަކީ މިޔަނި ދުވަސްކަމުގައި ބަޔާންކުރި ކަމުގައިވިޔަސް، އެއީ ތަބާވާން ޖެހޭނެ ކަމެއްނޫނެވެ. ހެއްކާއި ޤަރީނާއާއި ޝަރުޢީ ގޮތުން އެނގެން އޮއްވައި އެފަދަ ބަހަކަށް ތަބާވުމަކީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އެއީ ސަރުކާރެއްގެ ޢަމަލަކީ ހުއްޖަތެއްނޫނެވެ. އަދި މި މައްސަލާގައި ޢިލްމުވެރިން ޚިލާފުވުމުން ރުޖޫޢަވާން ޖެހެނީ ޤުރުއާނާއި ސުންނަތަށެވެ. ޤުރުއާނާއި ސުންނަތުން ސާބިތުވަނީ ހަނދު ލޮލުން ބެލުމެވެ ނުފެނިއްޖެނަމަ 30 ހަމަކުރުމެވެ. އެހެންކަމުން މިއީ ހޯދާ ބަލާމީހަކަށް އޮޅެންޖެހޭ މައްސަލައެއްނޫނެވެ. 

 ޢާޝޫރާ ދުވަހުގެ ރޯދައަކީ ވަޤުތު ކަނޑައެޅިފައިވާ، ތައުޤީފީ ކަމެކެވެ. އެހެންކަމުން އެވަޤުތު ޝަރުޢީގޮތުން ސާބިތުވެފައި ވަނިކޮށް، ރޯދަ ހިފަން ޖެހޭނީ އެވަޤުތުއެވެ. މަތީގައި އިސްވެ ބަޔާންވި ﷲ އާއި ރަސޫލާއަށް ރައްދުކުރުމަކީ އެއީއެވެ. މިހާ ހިސާބުން އަޅުގަނޑު ބަޔާންކުރަން ޤަޞްދު ކުރި ހިސާބަށް ބަޔާންކޮށް ނިމުނީއެވެ. ޙައްޤަށް ތަބާވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވާށިއެވެ.

 الحمد لله الذي بنعمته تتم الصالحات. اسال الله تعالى أن يغفر لنا جميعا و يرزق الإخلاص و التوفيق لاتباع سنة المصطفى صلى الله عليه وسلم.

 كتبه/ أبو عبد الله عبد الرحيم المدني. المدينة النبوية.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com