ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ ވަބާ ހުއްޓުވޭނޭ އިސްލާމީ ޝަރީއަތުގެ ނިޒާމްގެ ތެރޭން



ނިޔާ/ޅޮހި
ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކެއްގައި ދަނީ މަސްތުވާތަކެތީގެ ވަބާއާއި ވައްކަމާއި ފޭރުންފަދަ  ނުބައި ކަންތަކުގެ ބިރުވެރިކަން ފެތުރެމުންނެވެ. ވޭތުވެ ދިޔަ ދިގުޒަނާނުންފަށައިގެންވެސް  އާބާދީގެ ބޮޑުބައެއްކަމުގަވާ ޒުވާނުންނާއި ކުޑަކުދިން ދީނާ ދުރުވެ ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރުންވަނީ އާންމުވެފައެވެ.
 
ނެތިނުބައިކިޔުމާއި  ޒުވާބުކުރުމާއި މީހުންނަށް މަލާމާތްކޮށް  ހަޑިހުތުރު ބަހުން މީހުންނާއި މުއާމަލާތުކުރުން މިއަދު ވަނީ އާންމުވެފައެވެ.  އާއިލީ ގުޅުންތައް ކެނޑުމާއި އިޖްތިމާއި ގުޅުންތައް ކުޑަވެ، ރައްފުށުގައި އަނދިރިކަން ފެތުރެނީއެވެ. ޤައުމުގެ ތަރައްގީއަށް އެޅިފައިވާ ހިޔަންޏެއްކަމުގައި މަސްތުވާތަކެތިވެއްޖެއެވެ. ވަބާގެ ނުރައްކާތެރިކަން ޅަޒުވާން ޖީލަށާ ކުޑަކުދިންނަށް ވަނީ ފޯރާފައެވެ. މަސްތުވާތަކެތީގެ އަސަރު ކޮންމެވެސް ސިފައެއްގައި ނުކުރާ އާއިލާއެއްމަދެވެ.
1977 ވަނަ އަހަރު ފަތުރުވެރީންގެ ގޮތުގައި އައި ހިޕީންގެ ފަރާތުން މަސްތުވާތަކެތި ތަޢާރަފުވެފައިވާއިރު މިއަދު މިވަނީ އޭގެފަހުން 34 އަހަރުވެފައެވެ. އޭގެފަހުން އަހަރަކަށްވުރެ އަހަރެއް މަސްތުވާތަކެތި އައީ ތަޢާރަފުވެ ގިނަވަމުންނެވެ. މިގޮތުން 1980 ވަނަ އަހަރު މަސްތުވާތަކެތި އިތުރަށް އާންމުވިއެވެ. ތަފާތު ބާވަތްތަކުގެ މަސްތުވާތަކެތި ރާއްޖެއަށް ތަޢާރަފްވަމުން އައިސް 1993ވަނަ އަހަރު މަސްތުވާތަކެތީގެ ތެރޭން ބާރުގަދަ ބާވަތެއްކަމަށްވާ ހެރޮއިން ތާރަފްވިއެވެ. ހެރޮއިންއަކީ ބާރުގަދަ އަދި އެއްފަހަރު ބޭނުންކުރާއިރަށްވެސް އެޑިކްޓްވާ އެއްޗެކެވެ. އަދި މިހާރު ރާއްޖޭގައި ތަފާތުވައްތަރުތަކުގެ މަސްތުވާތަކެތި މިއަދު މިވަނީ އާންމުވެފައެވެ. އޭގެތެރޭގައި ބުރައުން ޝުގާރ، ހަޝިޝް އޮއިލް، ހެރޯއިން ހިމެނެއެވެ.( މައުލޫމާތު ނަގާފައިވަނީ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ނެރެފައިވާ ފޮތްތަކުން)
     ގައުމީފެންވަރުގައި މިކަމާދެކޮޅަށް އެދެވޭގޮތެއްގައި މަސައްކަތްކުރެވިފަނުވާއިރު، އަތޮޅުފެންވަރުގައާ، ރަށުފެންވަރުގަ އަދި ފަރުދީގޮތެއްގައި މަސައްކަތްކުރެވިފައިނެތެވެ. މަސްތުވާތަކެތިން  ސަލާމަތްކުރުމަށް ރަށްރަށުގެ ފެންވަރުގައި މާގިނަ މަސައްކަތްތަކެއް ކުރެއިފައި  ނުވާއިރު ފެންނަމުންދާ މަންޒަރަކީ ސިޔާސީ ފައިދާނެގުމަށް އެފަދަ ފަރާތްތަކަށް ސިޔާސީފަރާތްތަކުން ހިމާޔައްދެމުންދާ މަންޒަރެވެ. އެފަދަ މީހުންގެ ކުއްތައް ފޮރުވައިދިނުމަށް ސިޔާސީ ފަރާތްތަކުން ގިނަގުނަމަސައްކަތްތަކެއް ކުރަމުންދާތަނެވެ. މަގާމާއި  ނުފޫޒުގެ ބޭނުންކޮށް އެފަދަ ކުއްވެރިންގެ އުމުރު ބަދަލުކޮށް ކަރަޕްޓްވެގެންވެސް އެފަދަ މީހުން ހިމާޔަތްކުރަން މަސައްކަތްކުރާބަޔަކު އުޅޭކަމީ ހިތާމަހުރިކަމެކެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް  މަދުންނަމަވެސް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަމުން ނުދާކަމުގެ ހެއްކަކީ ވަބާ ފެތުރެމުންދާ ބާރުމިނާ، މަސްތުވާތަކެތިގެ ވިޔަފާރި ފުޅާކުރެވިފައިވާ މިންވަރެވެ. މި ނުބައި ވަބާ ފަތުރާ ފަރާތްތަށް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކުންވެސް އެންމެ އެދެވޭ ގޮތެއްގައި  ހަރަކާތްތެރި ނުވާކަން ފާހަނގަ ކުރެވެއެވެ.
މަސްތުވާތަކެތީގެ ނުބައި ވަބާއަކީ ހަގީގަތުގައި ހުރިހާ ނުބައިކަމެއްގެ މަންމައެވެ. ޝައްކެތްނެތެވެ. ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅަކީ ޙައްޤުތެދެވެ. މަސްތުވާތަކެތީގެ ސަބަބުން ޤައުމުގައި ތަފާތު ކުއްތަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ބޮޑެތި ކުއްތައްކުރާ ފަރާތްތަކުގެ ރެކޯޑްތަކަށް ބަލާއިރު އެފަދަ ކޮންމެ މީހަކީ ހަމަ މަސްތުވާތަކެތީގެ ޝިކާރަޔަކަށްވެފައިވާ މީހެކެވެ.  އާންމުކޮށް މާރާމާރި ހިންގާފަރާރްތަކަށް ބަލާއިރު އެފަދަ ފަރާތްތަކުން މާރާމާރި ހިންގަނީ މަސްތުވެގެންތިބެކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެހެންމެ ފޭރުމާއި ރޭޕުކުރުންފަދަ އަމަލުތަކާއި އެހެނިހެން ކުއްތަށްވެސް ގިނަފަހަރަށް ކުރަނީ މަސްތުވެގެންވާ ހާލުގައެވެ.
މަސަތުވާތަކެތީގެ ވަބާ ޤައުމުގައި އާންމުވެފައިވާއިރު މިކަން ހުއްޓުވުމަށް ބުރަމަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ. ރާއްޖޭގައި މިވަބާ އާންމުވެފައިވާވަރުން ވަބާ ހުއްޓުވަމަކީ އުނދަގޫކަމެކެވެ. އަދި ރާއްޖޭގައި މިވަބާފެތުރުން ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ގޮތަށް މަސައްކަތްކޮށްގެން މި ވަބާފެތުރުން ނުހުއްޓުވޭނޭކަން ޔަގީނެވެ.
މަސްތުވާތެކެތީގެ މައްސަލަތަކަކީ މުޅި ދުނިޔޭގައިވެސް އޭގެ ނުރަށްކަލާއި ބިރުވެރިކަން ފެތުރިފައިވާ ނުބައި އަމަލެކެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ދުނިޔޭގެ ގިނަޤައުމުތަކާއި ގިނަ ޖަމާއަތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ހަމަ އެކަމަށްޓަކައި އަހަރަކު އެތަކެއް މިލިއަން ޑޮލަރު ދަނީ ހަރަދުކުރަމުންނެވެ. ބައެއްޤައުމުތަކުގައި މަރުގެ އަދަބާއި އަދި ޖަލުބަންދުގައި ބޭތިއްބުމާއި ތަފާތު އެތަކެއް އަދަބުތަކެއްދެއެވެ.  އެހެންނަމަވެސް އެދެވޭ ހައްލެއް ލިބެމުންދާ މަންޒަރު ފެންނަމުން ނުދެއެވެ. އެހެނީ ﷲ ކަމެއް ހަރާމްކުރަށްވާ އެފަދަ ފާފަތަކުން ސަލާމަތްވުމަށް އަންގަވާ ސަލާމަތްވާނެ މަގުވަނީ ދަށްކަވާފައެވެ. އަދި އެފާފަތަށްކުރާ މީހުންނަށް އިސްލާމީ ޝަރީއާތުގެ ނިޒާމްގެ ތެރޭން އަދަބުތަކެއް ކަނޑައެޅުއްވިއެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ނިޒާމާއި އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި ޙިލާފަށް ކިތޭބޮޑު ހޭދައެއްކޮށް އެތަކެއް މިލިއަން ޑޮލަރު  ހޭދަކުރިކަމުގައި ވިޔަސް މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްނުކުރެވޭނެއެވެ.
ޤައުމުގައި ބޮޑުވެފައިމިވާ މަސްތުވާތަކެތީގެ  މައްސަލަތަކުން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް އުފެއްދުމަށްޓަކައި އެންމެން ގުޅިގެން ވަރަށް ބުރަމަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ.  އެންމެހާ ރައްޔިތުންނަކީ ﷲ އާއި ރަސޫލާ އެންގެވި މަގުގައި ސާބިތުވާބަޔަކަށް ވާންޖެހެއެވެ. ރާ ޙަރާމްކުރެއްވިކަމުގެ އަމުރު އަޑުއިވުމުން ރަލަށް ދެވިހިފާފައި ތިބި  އަރަބީން ރަލާއި ދުރުވިފަދައިން  ދުރުވެވޭފަދަ އީމާންކަމެއް ލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. ﷲ ގެ އާޔަތްތަކާއި ރަސޫލާގެ ސުންނަތްތަކާއި އެއްގޮތަށް އަމަލުކުރާ ބަޔަކަށް ވާންޖެހެއެވެ. މި ބަޔާންކުރެވުނުފަދަ ބަޔަކަށް ދިވެހި ޤައުމުގެ ރަށްޔިތުންވެއްޖެނަމަ އިސްލާމީ ޝަރީއަތުގެ ނިޒާމް ޤާއިމްކޮށް ތަންފީޒުކުރެވޭނެއެވެ.  އޭރުން އިންޝާﷲ ދިވެހި ޤައުމާއި ރަށްޔިތުންނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ބަޔަކަށް ވާނޭކަމީ ހަމަ ޔަގީންކަމެކެވެ.




މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com