ހަޤީގީ ހާދިސާ

-->

އަހަންނާ ކައިރި ނުވޭ! އަހަރެން މިހިރީ އެއިޑްސް ޖެހިފައި! (ޙަޤީޤީ ޙާދިޘާއެއް)

23-08-2010 - އަލްއަޚް ޝަފީޢު ޢަބްދުﷲ
އާދެ، މި ރާއްޖެއިން ހަފްތާ ބަންދު ހޭދަކޮށްލަން އަވަށްޓެރި ސްރީލަންކާއަށާއި ބެންކޮކަށް އަދިވެސް މިނޫން މިފަދަ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދެއް ނޫނެވެ. ޢާންމުކޮށް މިކަން ކޮށްއުޅެނީ އަތްމަތި ތަނަވަސް މީހުންނެވެ. ހިތްހަމަ ޖައްސާލަން ދަތުރުކުރުމަކީ ގޯސްކަމެއް ނޫނެވެ.

 ނަމަވެސް، ގިނަ ފަހަރު، މީގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މީހުން މިކަން ކޮށްއުޅެނީ މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ޢީދެއްގެ ގޮތުގައެވެ. ހައިރާންވެ ނުލައްވާށެވެ!. މިހެން މިދަންނަވަނީ ނިކަން ރަނގަޅަށް މިކަން އެނގޭތީއެވެ. މި މީހުން މިފަދަ ދަތުރުތައް ކޮށްއުޅެނީ، މިރާއްޖެއިން މިބައިމީހުންގެ މުޑުދާރު ޝަހުވާނީ އެދުންތަކަށް ހިތް އެދޭވަރުގެ ފުރުޞަތްތަކެއް ލިބެން ނޯންނާތީއެވެ. ބައެއް ފަހަރު އަނބިމީހާއަށް ފަޅާއަރާފާނެތީއެވެ. އެހެންކަމުން، އަތު ނުޖެހޭ ހިސާބަކަށް ދަނީއެވެ. އެގޮތުން ނައިޓް ކުލަބްތަކަށް ދެއެވެ. ޑިސްކޯ ޑީޖޭ ފަދަ ތަންތަނުގައި އެމީހުންގެ އަބުރުވެރިކަން ވެއްޔާ މޮޑެލައެވެ. އަދި ކަސްބީ އަންހެނުން ގޮވައިގެން، ރާބޮއެ، އެނދު ދާންމަތިތައް މުޑުދާރުކުރެއެވެ.  

އެހެންކަމުން، މިލިޔުމުގެ މަޤްސަދަކީ، މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރާ މީހުންނަށް އިންޒާރެއް ދިނުމެވެ. ކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ހަޤީޤީ ޢިބްރަތްތެރި ވާހަކައެއްގެ ޒަރީއާއިންނެވެ.
*******************

އާދެ، މި ވާހަކައަކީ ސައުދި ޢަރަބިޔާގެ ވަރަށް މަޤްބޫލު ޝެއިޚެއްކަމުގައިވާ، އައްޝެއިޚް މުޙަންމަދު އަލްޢަރީފީ ވިދާޅުވެދެއްވި ވާހަކައެކެވެ. އޭނާގެ މުޚާޞަރާއެއްގައެވެ. ވިދާޅުވަނީ:" އެއްދުވަހަކު ތިމަންނަގެ ދަރުސެއް ނިމުނުތަނާހެން ޒުވާންފުރައިގެ ފިރިހެން ކުއްޖެއް ތެދުވެ، އޭނާއާއި ދިމާވި ވަރަށް ޢިބްރަތްތެރި ވާހަކައެއް ކިޔާދިނެވެ. ބަލާ ބެލުމަށް، ބޭރު ފުށުން އެއީ އެހާ ދީންވެރި ކުއްޖެއް ވައްތަރެއް ނުޖަހައެވެ. އޭނާގެ ވާހަކަ ފެށިއެވެ.

އަޅުގަނޑަކީ މާ ދީންވެރި ކުއްޖެއް ނޫނެވެ. ނަމަވެސް، މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމަށް އަޅުގަނޑު އަބަދުވެސް ބިރުގަނެއެވެ. އެއްދުވަހަކު އަޅުގަނޑުގެ ރައްޓެހީން އަވަށްޓެރި ޚަލީޖްގެ ޤައުމަކަށް ޗުއްޓީ ހޭދަކޮށް، މަޖާކޮށްލުމަށް ދާން ސައްލާކުރިއެވެ. އަޅުގަނޑު ބުނީމެވެ. "ތިކަމުގައި އަހަރެންވެސް ބައިވެރި ވާނަން".

މި ދަތުރުގައި އަޅުގަނޑުގެ ރައްޓެހީން ވަރަށް ބޮޑަށް މަޖާ ނެގިއެވެ. ޙަރާމެއް ޙަލާލެއް ނުބަލައެވެ. އެގޮތުން، މި މީހުން ކުރާ މިފަދަ ބޮޑެތި ޖަރީމާތަކުގައި އަޅުގަނޑުވެސް ބައިވެރިކުރަން ވަރަށް މައްސަކަތްކުރިއެވެ. ނަމަވެސް، އަޅުގަނޑު އެއަށްވުރޭން ހުޝިޔާރެވެ. ތެދެއްމެ އަޅުގަނޑަކީ މާ ދީންވެރި ތަޤްވާވެރިއެއް ނޫނެވެ. ނަމަވެސް، ބޮޑުވެގެންވާ ޙަރާމްކަންތައްތަކަށް އަރައިގަތުމަށް ބިރުވެތިވަމެވެ.

މިގޮތުން، އެއްރެޔަކު އަޅުގަނޑުގެ ރައްޓެހީން ބޭރަށް ދިޔައެވެ. މި މީހުން ބޭރަށް ދިޔުމާއެކު އަޅުގަނޑުގެ ކޮޓަރިޔަށް ވަދެ ތަޅުލީމެވެ. އިރުކޮޅަކުން، އެމީހުން އެނބުރި އައެވެ. ކަސްބީ އަންހެނުންތަކެއް ގޮވައިގެންނެވެ. އަޅުގަނޑުގެ ކޮޓަރިއަށް، މި މީހުންގެ ހީ ސަމާސާކުގެ އަޑު ވަރަށް ބާރަށް އިވެމުންދެއެވެ. އަޅުގަނޑު މި މީހުންގެ މަޅީގަ ޖައްސަން އުޅޭނެކަންވެސް އެނގެއެވެ. އެހެންކަމުން، ކޮޓަރީގެ ދޮރު ނުހުޅުވުމަށް އަޒުމު ކަނޑައެޅީމެވެ. އިރުކޮޅަކުން މި މީހުން ދޮރުގައި ތަޅަން ފެށިއެވެ. ހުޅުވުމަށްއެދި ގޮވަން ފެށިއެވެ. އަޅުގަނޑު ދޮރެއް ނުހުޅުވާނަމޭ ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. ނަމަވެސް، ދެން އެމީހުން ބުނަން ފެށީ، ކޮޓަރީގަ އޮތް މޯބައިލް ޗަރޖަރު ދިއްކޮށްލަބަލާށެވެ. އެހެންކަމުން، އޭތި ދިނުމަށް ދޮރުހުޅުވީމެވެ. ހަމަ އެހިނދު، އެމީހުން އެތަނުން ކަސްބީ އަންހެނެއް ކޮޓަރި ތެރެއަށް ވެއްދިއެވެ. އަދި ބޭރުން ތަޅުލާ ބަންދުކުރިއެވެ. ކޮޓަރިތެރޭގައި އަޅުގަނޑާއި މި އަންހެންކުއްޖާ ތާށިވީއެވެ. އަޅުގަނޑު އެމީހުންނަށް ދޮރު ހުޅުވުމަށް އާދޭސްކުރީމެވެ. ނަމަވެސް، ހުނުން ފިޔަވައި އެހެން ޖަވާބެއް އެމީހުންގެ ފަރާތުން ނުލިބުނެވެ.

ދެން މިކަސްބީ ކަމަނާ، އަޅުގަނޑު ގާތުގައި ހަޑިމުޑުދާރު ޢަމަލު ހިންގަން އެދެންފެށިއެވެ. އަދި އަޅުގަނޑުގެ ހިތައް ޝައިޠާނާ ވަސްވާސް ލައިދޭން ފެށިއެވެ. އެ ކަމަނާ ގޮވާލާ ފާޙިޝް ޢަމަލުކުރުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް، ﷲ ގެ ޢަޒާބަށް ބިރުވެތިވަމެވެ. އެކަސްބީ އަންހެނާ ކައިރީ އަޅުގަނޑާއި ކައިރި ނުވުމަށް އިންޒާރުކުރީމެވެ. ﷲގެ ފަރާތުން ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކަމަށް އެދެން ފެށީމެވެ. ނަމަވެސް، މި ކަސްބީ ކަމަނާގެ ހިތައް އެއްވެސް އެއްޗެއް އަރާކަމަކަށް ނުވިއެވެ. އެންމެ ފަހުން، ދޮގެއް ހަދައިގެން ވިޔަސް، މި އަންހެނާގެ ވަކިތަކުން ސަލާމަތްވެވޭތޯ ބެލީމެވެ. އެގޮތުން އޭނަޔާ ދިމާލަށް ބުނީމެވެ. "އަހަންނާ ދުރަށް ދޭ! އަހަރެން މިހިރީ އެއިޑްސް ޖެހިފާ". ނަމަވެސް، މިކަނބުލޭގެއަށް އެއީ އެހާ ހައިރާންކުރަނިވި ކަމަކަށްނުވިއެވެ. މިކަނބުލޭގެ އެހެން އަޑުއަހާފައި ހުރި " ކޫލް " ކަމުން އަޅުގަނޑު ހައިރާންވެ އަންތަރީސްވިއެވެ. އަނެއްކާވެސް އަޅުގަނޑު ބުނީމެވެ. "އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެކެވެ. ކަލެއަށް އެއިޑްސް އެއީ ކޯންޗެއްކަން އެނގޭ ހެއްޔެވެ؟". އޭނަ ވަރަށް ހަމަޖެހިލައިފަ ބުންޏެވެ. " ކަލެއަށް އެއިޑްސް ޖެހުނުތާ ކިތައް އަހަރުވެއްޖެތަ؟". އަޅުގަނޑު ބުނީމެވެ. " އެއިޑްސްގެ އެންމެ ފަހު މަރުހަލާގަ މިހިރީ" އެނާ ބުންޏެވެ." ހާސްނުވޭ!. އަހަންނަށްވެސް އެއިޑްސް ބަލިޖެހުނުތާ ދެ އަހަރު ވެއްޖެ، އެހެންވީމަ އޯކޭ އެއްނު ދޯ".

ހަމަ އެހިނދު މާތް ﷲ ގެ ކަށަކުޅަދުންވަންތަކަން އަޅުގަނޑުގެ ހިތައް އެރިއެވެ. އެއިލާހު އަޅުގަނޑަށް މި ކުރިމަތިކުރެއްވީ ވަރަށްވެސް ބޮޑު އިމްތިހާނެއްކަން ކަށަވަރުވިއެވެ. އަޅުގަނޑު އެ ހަޑިމުޑުދާރު ފާޙިޝްކަމަށް އަރައިގަނެވުނު ނަމަ، އަޅުގަނޑަށް ދެ ދުނިޔޭގެ އަޒާބުވެސް ލިބުނީހެވެ. އަޅުގަނޑު އެފާހިޝްކަންތައް ކުރަން މާތްﷲ އަށް ލަދުވެތިވެ ބިރުވެތިވުމުގެ ސަބަބުން، މާތްﷲ އަޅުގަނޑު ދެ ދުނިޔޭގެ ރައްކާތެރިކަން ދެއްވިއެވެ. އެނުބައި ބަލިން ރައްކާތެރިކުރެއްވިއެވެ. ދެން ހަމަ ވަޤުތުން، އަޅުގަނޑުގެ އެކުވެރީންނަށް ގޮވަން ފެށީމެވެ. " އެއިޑްސް، މީނާ މީ އެއިޑްސް ޖެހިފައި ހުރި އަންހެނެއް". އެމީހުން އެ އަޑު އިވުމުން އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. ކަންދިމާވި ގޮތް އެމީހުންނަށް ކިޔައިދިނީމެވެ. ދެން އެމީހުން ބިރުން، އެ ހުރިހާ ކަސްބީންތައް ވަޤުތުން ނެރެ ކޮޓަރިން ބޭރުކޮށްލާފިއެވެ.

**************

މިއީ ހަޤީޤީ ހާދިޡާއެކެވެ. މާތްﷲ އިންސާނާ އިމްތިޙާން ކުރައްވާނެ ގަޑިއެއް އެކަކަށްވެސް ނޭނގޭނެއެވެ. އެ އިމްތިޙާނުން ފޭލްވެއްޖެނަމަ މުޅި އުމުރު ދުވަހަށް އެ ކުރެވުނު ކަންތަކަށް ހިތާމަކުރަން ޖެހިދާނެއެވެ. ދެ ދުނިޔޭގެ އަޒާބު އެމީހަކަށް ހައްޤުވެދާނެއެވެ. މާތް ﷲ ގެ އަޒާބަށް ބިރުވެތިވާށެވެ. އެއިލާހު ޙަރާމްކުރެއްވި ބޮޑެތި ފާފަތަކުން ރައްކާތެރިވާށެވެ. ކުރެވޭ ފާފައަކީ ނުވަތަ ނާޖާއިޒުގޮތުގައި ލިބޭ ކުޑަކުޑަ ވަޤުތީ ލައްޒަތަކީ ތިމާގެ ދެދުނިޔެ ހަލާކުކޮށްލަނިވި ބޮޑު މުޞީބާތަކަށްވެސް ވެދާނެއެވެ.

އެހެންކަމުން، މި ރާއްޖެއިން ފުރަފުރައިގެން މިފަދަ ފާޙިޝް ޢީދުތަކަށްދާ މީހުންނަށް ގޮވާލަމެވެ. މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް ބިރުވެތިވާށެވެ. އެއިލާހުގެ ކޯފާއަކަށް ބިރުވެތިވާށެވެ. ވަޤުތީ ލައްޒަތުގެ ގޮތުގައި، ދާއިމީ ބޮޑު އަޒާބެއް އައިސްދާނެއެވެ. ތިކަން ހަމަ ވަޤުތުން ހުއްޓާލާށެވެ. ތައުބާވާށެވެ. ﷲގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. މާތް ﷲ ގެ ރަޙްމަތުގެ ދޮރުތައްވަނީ ހުޅުވާލެވިފައެވެ. އެދޮރުން ވަންނާށެވެ. ފުއްސެވުމާއި ރުއްސެވުން ލިބިގަންނާށެވެ.

(
ނޯޓް: ވާހަކަ ލިޔުމުގައި ކުޑަކުޑަ އުނިއިތުރުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ވާހަކާއިގެ 
މައިގަނޑާއި ޙާދިޡާތައް އެވަނީ ޝައިޚް ކިޔާދެއްވިގޮތަށް ބަދަލެއް ނުގެނެސް ގެނެސްދީފައެވެ).



މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com