ލޮބުވެތި އަޚާ އަދި އުޚުތާއޭވެ




ނިޔާޒް/ޅޮހި

ސުބުހާނަހޫ ވަތައާލާ އަހަރެމެން އިންސާނުން މި ބިންމަތީ ލެއްވީ ވަރަށް މާތް މަގުސަދެއްގައެވެ. ބޭކާރު ގޮތެއްގައެއްނޫނެވެ. އިންސާނާ ދުނިޔެއައްލައްވާ އިންސަނާ ދިރިއުޅެންވާނެ މަގު އެންމެ ފުރިހަމަ ގޮތުގައި ނަބީޔުންނާއި ރަސޫލުން ފޮނުއްވަވައި އަންގަވައިދެއްވިއެވެ.
  ކޮންމެ ހާލަތެއްގައިވެސް އިންސާނުންގެ އަމަލުތައް ބަހައްޓަންޖެހޭނެގޮތް އެންމެ ފުރިހަމަ ގޮތުގައި ރަސޫލުންނާއި ނަބީޔުން ވަނީ އަންގަވައިދެއްވާފައެވެ
.
ސުބުހާނަހޫ ވަތައާލާ ކޮންމެ އުންމަތަކަށްވެސް ރަސޫލެއް ފޮނުއްވިއެވެ. އެއީ އެބައިމީހުންނައް ހިދާޔަތުގެ މަގު ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި އެނަބީޔުންނާ ރަސޫލުން ވަޑައިގެން ﷲ ދީން އެންމެ ފުރިހަމަ ގޮތުގައި ބަޔާން ކޮށްދެއްވިއެވެ. އަދި ﷲ އުރެދި ނުކިޔަމަންތެރިވާ މީހުނަށްވާ ވައީދުގެ ބަސްފުޅުތައް ބަޔާންކޮށްދެއްވާ އިންޒާރު ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރޭން އެއްބަޔަކު އީމާންވެ ﷲގެ މަގުގައި ސާބިތުވެތިބިއިރު ފާޅުގައި އިންކާރުކޮށް ޖަދަލުކުރި ބަޔަކުވެސް ވިއެވެ. އަދި އިންކާރުކޮށް ދެކޮޅު ހަދާ އުޅުނުކަމުގެ ސަބަބުން އެބައިމީހުންނައް ﷲ ހަސްރަތުން ގަދަފަދަވެގެންވާ ކޯފާއައިސް އެބައިމީހުން ހަލާކުރެއްވިއެވެ. މިގޮތުން ފިރުއައުނާއި ހާމާނާ ބަނޫ އިސްރާއީލުން،އަދި އާދު ބާގައިގެ މީހުން ،ސަމޫދު،ސަދޫމްގެ މީހުން ﷲގެ ހަސްރަތުން ފޮނުއްވެވި ކޯފާގައި ހަލާކުވެގެންދިޔައެވެ.


ލޮބުވެތި އަޚާ އަދި އުޚްތާއޭ! ﷲ އަށް ބިރުވެތިވެ ﷲ ގެ ރަސޫލާ މުހަންމަދުގެ ފާނު ދެއްކެވި މަގުގައި ސާބިތުވާށެވެ. އެކަލޭގެ ފާނަކީ ﷲ އަހަރެމެންނައް ﷲގެ ސަރީޢަތް އަންގަވައިދެއްވުމައް ފޮނުއްވި ރަސޫލާއެވެ. އަދި އެކަލޭގެ ފާނަކީ މި ބިންމަތީ ލެއްވި އެންމެ މާތް އިންސާނާއެވެ. ﷲ މުހަންމަދުގެ ފާނު ފޮނުއްވީ އެންމެ ރިވެތި އަޙްލާގާއި އެކު އެ އަޙްލާގާ އިސްލާމީ ރިވެތި އުސޫލުތައް މި އުންމަތައް އަންގަވައިދެއްވުމަށެވެ. އެހެންކަމުން އަހަރެމެން އިންސާނުން ﷲ ގެ ރަސޫލާގެ އެންގެވުންތަކަށް ފުރިހަމަޔައް ކިޔަމަންވާންޖެހޭނެކަން ގަބޫލުކޮށް އެކަލޭގެފާނު ދެއްކެވެި ރިވެތި ނަމޫނާގައި ހިފާ ބަޔަކަށްވާށެވެ.


ގެ ރަސޫލާ ދެއްކެވި ރިވެތި އަޙްލާގުގެ ނަމޫނާ މިއަދު މިވަނީ ނެތި ދާންފަށާފައެވެ. ހިތާމަ ހުއްޓެވެ. ލޮބުވެތި އަޙާ އަދި އުޙުތާއޭ! ﷲ ގެ ރަސޫލު އުގަންނަވައިދެއްވި މަގު ދޫކޮށް ހަވާ ނަފްސައް ތަބާވެގެން އުޅުމުގެ ނަތީޖާ މިއަދު އެދަނީ ފެންނަމުންނެވެ.މުޖުތަމައުގެ އެއްބައިވަންތަކަންގެއްލި އިސްލާމީ ރިވެތި އުސުލުތައްނެތި ދަނީއެވެ. އެކަކު އަނެކާއައް އިޙުތިރާމް ކުރުމުގެ ސިފަ ނެތި މައިންބަފައިންނާއި މުދައްރިސުންނައް ވެރިންނާއި އަދި ދޮށީ މީހުންނައްވެސް ގަދަރުކުރުން ނެތެމުންދަނީއެވެ. އަދި އޭގެ ބަދަލުގައި ގަދަރު އިޙްތިރާމް ކުރަން ޖެހެ ފަރާތްތަކަށް މަލާމާތްކޮށް ފުރައްސާރަކުރުން ވަނީ އާންމުވެފައެވެ
ތިމާގެ ހައްޤުގައި ނުވަމަހާއި ނުވަދުވު އެތަކެއްވޭނެއް އުފުލައި ތިމާޔައް އެ ހަށިގަނޑަކުން ކާނާދީ އަދި ތިމާ ލޮއެއްބާއި އޯގާތެރިކަމާއި އެކު ބަލާ ބޮޑުކުރި މައިންބަފައިންނައްވެސް އިޙްތިރާމް ކުރާ މީހުން އަންނަނީ މަދުވަމުންނެވެ. ލޮބުވެތި އަހާ އަދި އުޙުތާ ﷲ ވަނީ އެއިހާލާހުގެ ފޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައެވެ. ﷲ ވަހީ ކުރައްވަނީ ! وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ (لقمان 14) "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން އިލާހު އަމުރުކުރެއްވީމެވެ. އެނާގެ މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް، ބަލިނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންއިލާހު އަމުރުކުރެއްވީމެވެ.) ތިމަންއިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫޢަވުންވަނީ ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ."

އަހަރެމެން އެމައިންބަފައިންނައް އިޙްތިރާމްނުކޮށް ހެޔޮކޮށް ނުހިތާވާހާލު މި ދުނިޔެވީ ކުރު ހަޔާތް ދޫކޮށް ﷲ ގެ ހަސްރަތާ ބައްދަލުކުރާ ދުވަހު ދައްކާނީ ކޮން އުޒުރެއްތޯއެވެ. އެ މައިންބަފައިން ނައް ހެޔޮކޮށް ނުހިތާވާހާލު މިދުނިޔެ ދޫކޮށްގެން ކާމިޔާބެއްނެތްކަން ގަބޫލުކޮށް ﷲގެ ހަސްރަތުން ފާފަފުއްސެވުން އެދި ތައުބާވުމަކީ އާހިރަތުގެ ކާމިޔާބާއި ފަލާހް އެދޭނަމަ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ.

ލޮބުވެތި އަޚާ އަދި އުޚުތާއޭ! ﷲ އަހަރެމެން އެއް އުންމަތެއް ކަމުގައި ލެއްވެވިއެވެ. އަދި މުޖުތަމައު ބައިބައިވަނިވި އެންމެހާ ކަންތައްތަކުން ދުރުވެ ރައްކާތެރިވުމައްއެންގެވިއެވެ. މުޖުތަމައުގައި އަމާންކަންކަން ގާއިމްކޮށް ފަސާދަވަނިވި އެންމެހާ ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީވެސް މިއަދު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ. ތިމާގެ ނަފްސައް ރަނގަޅުގޮތްތައްވުމައް އެދޭފަދައިން ތިމާގެ އަޚުންނާއި އުޚުތުންނައްވެސް ރަނގަޅުގޮތްތައް ވުމައް އެދޭށެވެ. ތިމާއައް ތިމާ ނުރުހޭކަމެއް ދިމާވާހިނދުވެސް އެކަމާ ރުޅިއިސް ނުކޮށް އެކަމެއް ހައްލުކުރެވޭތޯ މަސައްކަތް ކުރަމާހިނގާށެވެ. އެފަދަ ކަންކަމުގައި ކެތްތެރިކަން ކުޑަކޮށް ރުޅިއިސްކޮށްފިނަމަ އެއީވެސް މުޖުތަމުގެ އެއްބައިވަންތަކަމަސް ބުރޫއަރާނެކަމެކެވެ.ލޮބުވެތި އަޙާ އަދި އުޙުތާއޭ! އެފަދަ ކޮންމެ ވަގުތެއްގައިމެ ﷲ ހަނދުމަކޮށް ﷲ ގެ ރަސޫލާ ދެއްކެވި ނަމޫނާގައި ހިފާށެވެ. އުންމަތް އެއްބައިވަންތަކޮށް އުންމަތުގައި ރިވެތި އަޚްލާޤް ދިރުވާ އާލާކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއްކަން ދަނެ އެގޮތުގައި ސާބިތުވާ ބަޔަކަށް ވަމާހިނގާށެވެ. ކޮންމެ މީހަކުމެ އެމީހެއްގެ ފެންވަރުން އިސްލާމި އަޚްލާގިއްޔާތު ދިރުވާ ﷲ ގެ ރަސޫލާދެއްކެވި މަގު ގައި ސާބިތުވާ މީހަކަށް ވަމާތޯއެވެ




މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com