މަލިކުގެ ތާރީޙުގެ ތެރެއިން( 1 ވަނަ ބައި)

މިނިކޮއި، މަލިކު ނުވަތަ  ލަކްސަދީބަކީ ރާއްޖޭގެ ރަށްތަކާއި އުފެދިފައިވާ ގޮތުން އެއްގޮތް މާޒީގައި ދިވެހިންނާއި ވަރަށްބޮޑަށް ގުޅިފައިވާ ބައެކެވެ. ތުރާކުނާއި 125 ކިލޯމީޓަރ ގާތުގައި އޮންނަ މަލިކުގެ މީހުންނަކީ މިހާރުވެސް ދިވެހި ބަހުން ވާހަކަދަށްކާބައެކެވެ. ދިވެހިރާއްޖެއާއި އެއްގޮތްކަމެއް ހުންނަ މަލިކުގެ މީހުންގެ ދިރިއުޅުމާއި
އަދި އެހެނިހެން ކަންކަންވެސް ދިވެހިންނާއި އެއްގޮތްކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ވާހަކަދަށްކާ ހެދުމުގައި ރާއްޖޭގެ އުތުރުގެ ރަށްތަކުގެ މީހުންވާހަކަދަށްކާ އުޅޭ ބަހުރުވަޔާއި މާބޮޑު ތަފާތެއް ނުހުރެއެވެ. މަލިކާއި ބެހޭގޮތުން ދިވެހި ބަހުން މަލިކުގެ ބައެއް ލިޔުންތައް ފެންނާނެފަދަ ގޮތަކަށް ބެހެއްޓުމަށްޓަކައި ކޮންމެސް ވަރަކަށް މަލިކުގެ މީހުންނާއި ވާހަކަދެއްކީމެވެ. މިގޮތުން ރާއްޖެ ދުވަހަކުވެސް ނާންނަ މީހުންނާއި އަދި ރާއްޖޭގައި އުޅޭ މަލިކުގެ މީހުންނާއިވެސް ވާހަކަދަށްކާލުމުން ދިވެހިން ވާހަކަ މިދަށްކާ ދިވެހި ބަހުރުވަޔާއި ވަރަށް އެއްގޮތްކަން ޔަގީންވިއެވެ. އެމީހުން ދިވެހި ބަހައް ކިޔާއުޅެނީ މަހަލް ބަހެއެވެ.
ދިވެހި ބަސް ބޭނުންކުރެވެމުންއައި ނަމަވެސް މަލިކަކީ އިންޑިއާގެ ރަށެކެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ނުފޫޒުގަދަވެ ދިވެހި ބަހައް މާބޮޑު އަހަންމިއްޔަތުކަމެއް މީގެކުރިން މަލިކުގައި ދެވިފައި ނުވެއެވެ. އެހެންނަމަވެސް އިންޑިއާގެ ގޯވާއިން އެތަނުގައި ބޭނުންކުރަމުންއައި ބަހެއް އުވިދިއުމުން ޔުނެސްކޯއިން ކަންބޮޑުވުން ފާޅުކުރުމުގެ ފަހުން މަލިކުގެ ބަހާއި މެދު އިންޑިއާ ސަރުކާރުން ވަނީ ސަމާލުކަން ދޭންފަށާފައެވެ. މީގެ ކުރިން މަތީ ގްރޭޑްތަކުގައި ދިވެހި ބަސް ކިޔަވައި ދެމުން އައިސްފައި ނުވާއިރު ދިވެހި ބަހުން ކިޔާނެ މާ ގިނަ ފޮތްތަކެއްވެސް މަލިކުގައި ނުހުރެއެވެ. އެހެންނަމަވެސް ފަހުން މަލިކުގެ ބައެއް ފަރާތްތަކުގެ ބުރަމަސައްކަތުން މަލިކުގައި ދިވެހި ބަހުގެ ފޮތްތައް ފެންނަން ހުންނަފަދަ ލައިބްރަރީއެއްވެސް އެޅުމުގެ މަސައްކަތްކުރާކަން މަލިކުގެ ބައެއް ފަރާތްތަކުގެ ކިބައިން އެގުނެވެ. އަދި މަލިކުގެ މީހުންނަކީ މިހާރުވެސް ދިވެހި ބަހުން ލިޔެ ކިޔާ އުޅޭ ބައެކެވެ. ދިވެހި ބަހުން މިހާރު ބޭނުންކުރާ ދިވެހި ފޮންޓްތައް ކަމަށްވާ ފަރުމާ، ފަސޭހަ ފަދަ ފޮންޓްތައްވެސް އަންނަނީ އެބައި މީހުން ބޭނުންކުރަމުންނެވެ.
މަލިކުގެ މީހުންނަކީ ދިވެހި ބަހުގައި މާޒީގައި ވަރަށްކުރިއަރާފައިވާ ބައެކެވެ. މިކަމުގެ ހެކިތައް މިހާރުވެސް ފެންނާ އެބަހުއްޓެވެ. މިގޮތުން މަލިކުގައި އުޅުއްވި ހުސައިން މަނިކުފާނަކީ ދިވެހި ބަހުން ކީރިތި ގުރުޢާން ތަރުޖަމާކުރެއްވި ބޭފުޅެކެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއާއި އާއިލީގޮތުން ގުޅިފައިވާ ހުސައިން މަނިކުފާނު ބައެއް ހަދީސްފޮތްތައްވެސް ދިވެހި ބަހައް ތަރުޖަމާކުރެއްވިކަމަށް ބުނެވެއެވެ.
މަލިކު އަތޮޅަށް ވަންނަން ދެ ކަނޑުއޮޅިއެއްވެއެވެ. އެއީ އުތުރު ފާރާތުން ވަނުމަށް ސާލު މަގު އަދި އިރި އުތުރަށް ވަންނަން ކަނޑިންމަ މަގެވެ. އަދި އެހެން ސަރަހައްދުތައް ވަނީ މުރަކައިގެ ފަރުތަކުން ވަރަށްބޮޑަށް ބެދިފައެވެ. ހަމަ އެހެންމެ އިހަވަންދިއްޕޮޅާއި މަލިކާއި ދޭތެރޭގެ މަލިކު ކަނޑު ކިޔާ ކަނޑެއް އޮވެއެވެ. މި ކަނޑަށް ފަރަންސޭސި ބަހުން އެބައި މީހުންގެ ޗާރޓްތަކުގައި ދީފައިވާ ނަމަކީ ކޮރަންޓް ޑި މަލިކަޓްއެވެ
ކުރިން ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތް މަލިކު 1976 ވަނަ އަހަރުގެ ޑިސެންބަރ މަހު އެއީ އިންޑިއާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހުނެވެ. މިގޮތުން ރަސްމީކޮށް އެއްބަސްވެ ސޮއިކުރެވުނެވެ.
ނުނިމޭ.


މުހިންމު ސައިޓްތައް


މަގްބޫލް ލިޔުންތައް

ފޭސް ބުކްގައި ރެޖިސްޓާރ ވުމަށް

ނ.ޅޮހި, އުތުރުޕްރޮވިންސް, Maldives
މި ބުލޮގަކީ ބުލޮގް ޓެމްޕްލެޓް ހަދަން ދަސްކުރުމަށްޓަކައި ހަދާ ޓެމްޕްލެޓްތައް އަޕްލޯޑްކުރުމާއި އަޅުގަނޑު ހެޔޮބަސްގައި ޖަހާ ލިޔުންތައް އަޕްކުރަން ހަދާފައިވާ ބުލޮގެކެވެ. ވެބް ސައިޓް: www.heyobas.com